ދިވެހިރާއްޖޭގެ ހައިކޯޓުން 1 ޖުލައި 2021 ގައި ނިންމައިފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މޫސާ ނަސީމް ޤަޟިއްޔާގައި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އިސްތިއުނާފަށް ހުށަހަޅާ މައްސަލަތަކުގައި، އިސްތިއުނާފީ މުއްދަތު ގުނަންވާނީ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެންކަމަށް ކަނޑައަޅުއްވައިފައިވެއެވެ.

މި ޓްރައިބިއުނަލަށް އިސްތިއުނާފަށް ހުށަހަޅާ މައްސަލައެއްގެ އިސްތިއުނާފީ މުއްދަތު ހަމަވާ ދުވަސް ރަސްމީ ބަންދު ދުވަހަކާ ބައްދަލުވާނަމަ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް، އެ ބަންދުދުވަހާ ވިދިގެންއަންނަ ރަސްމީ މަސައްކަތު ދުވަހު އެ އިސްތިއުނާފު ހުށަހެޅޭނެ ވާހަކަ ދަންނަވަމެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/05 (11 ފެބުރުވަރީ 2016) ޢާއްމު ސިޓީގައި މާލޭގައި ޤާއިމުކުރެވިފައިވާ ހައިކޯޓަށް ނިސްބަތްވާ ސަރަހައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލުތަކުން ނިންމާ މައްސަލަތައް، އިސްތިއުނާފުކުރުމަށް އެދި އެ މައްސަލައެއް ނިންމި ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ މައްސަލައިގެ ފައިލް ލިޔެކިޔުންތަކާއެކު، ސީދާ މާލޭގައި ޤާއިމުކުރުވެފައިވާ ހައިކޯޓަށް ހުށަހެޅުމަށް ކަނޑައަޅުއްވައިފައިވާތީ، މި ޓްރައިބިއުނަލުން ނިންމާ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހަޅާ މައްސަލައެއްގެ އިސްތިއުނާފީ މުއްދަތު ހަމަވާ ދުވަސް ރަސްމީ ބަންދު ދުވަހަކާ ބައްދަލުވާނަމަ، އިސްވެބަޔާންކޮށްފައިވާގޮތާ އެއްގޮތަށް، އެ ބަންދުދުވަހާ ވިދިގެންއަންނަ ރަސްމީ މަސައްކަތު ދުވަހު އެ އިސްތިއުނާފު ހުށަހެޅޭނެ ވާހަކަ ދަންނަވަމެވެ.